މޯޕާގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފި
މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)ގެ ހިންގާކޮމިޓީ އިންތިޚާބުކޮށްފި
“މޯޕާ”ގެ އިދާރާ ހ. ރިނދައިގައި ބޭއްވި ޒޫމް ބައްދަލުވުމުގައި “މޯޕާ”ގެ މެންބަރުންގެ ގޮތުގައި މާލޭގައި ތިއްބެވި ބޭފުޅުންގެ އިތުރަށް ނިއުޒީލެންޑާއި ޑުބައިގައި ތިއްބެވި ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
“މޯޕާ”ގެ ރައީސަކަށް އިންތިޚާބު ކުރެވުނީ ފައުންޑަރ މެންބަރ ޠާރިޤު އިބްރާހީމެވެ. ނައިބު ރައީސަކަށް އިންތިޚާބު ކުރެވުނީ މުޙައްމަދު އިބްރާހީމެވެ. ޚަޒާންދާރަކަށް އިންތިޚާބުކުރެވުނީ ޙަސަން ޒަރީރެވެ. ސެކްރެޓަރީއަކަށް މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ހޮވުނު އިރު އިންތިޒާމު ސެކްރެޓަރީއަކަށް ހޮވުނީ އަޙުމަދު މައުމޫނެވެ. އަދި އިތުރު ފަސް މެންބަރުންގެ ގޮތުގައި އިންތިޚާބު ކުރެވުނީ ޢަލީ ޢާމިރާއި މުޙައްމަދު ޚަލީލާއި ޝަހީދާ އާދަމާއި ލޫސިޔާ ޢަލި މަނިކާއި އާމިނަތު ނިހާނެވެ.
“މޮޕާ”އަކީ އެއްފަހަރު ބޭނުންކޮށްފައި ރާއްޖޭގައި އުކާލެވޭ ޕްލާސްޓިކާއި ޕްލާސްޓިކު ކުނި މަދުކޮށް ރީސައިކަލްކޮށް ރައްކާތެރި ގޮތުގައި ނައްތާލުމާއި ތިމާވެއްޓަށް ޚިދުމަތްކުރުމާއި ހޭލުންތެރިކަން ފެތުރުމުގެ މަގުސަދުގައި އުފެއްދި ޖަމުއިއްޔާއެކެވެ.
_____________________
8 ސެޕްޓެމްބަރު 2020