އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކާބެހޭ ޤައުމީ ދިރާސާއެއް ހެދުމަށް، އެން.އައި.ޖީ. ކެޕިޓަލް އާއެކު މޯޕާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ނޫސްބަޔާން
NIG2

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކާބެހޭ ޤައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށްޓަކައި، އެން.އައި.ޖީ. ކެޕިޓަލް މޯލްޑިވްސް އާއެކު، ކޮންސަލްޓަންސީ ސާރވިސަސް އެގްރީމަންޓެއް މޯޕާއިން މިއަދު ސޮއިކޮށްފިއެވެ. މޯޕާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަމްޢިއްޔާގެ މުޢައްސިސް އަދި ރައީސް އޮނަރަބަލް ޠާރިޤް އިބްރާހީމެވެ. އެން.އައި.ޖީ. ކެޕިޓަލް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ، އެމް.އެމް.އޭ ގެ ކުރީގެ ގަވަރނަރ އަލްފާޟިލް އަޙްމަދު ނަޞީރެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހެދޭ ދިރާސާގައި، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރެވޭ މިންވަރާއި، އުފެއްދޭ މިންވަރު އަދި ބޭނުންކުރެވޭ މިންވަރު ދެނެގަނެވޭނެއެވެ. އަދި، މި ދިރާސާގެ އަލީގައި، ރާއްޖޭގައި މިފަދަ ޕްލާސްޓިކްގެ ބާވަތްތައް ސަލާމަތްތެރިކަމާއެކު ގެންގުޅުމާއި، ރީސައިކަލްކުރުމަށްޓަކައި ސިޔާސަތު ރާވަން ފަސޭހަވެގެންދާނެއެވެ. ޕްލާސްޓިކް ބޭނުންކުރަމުންދާ ވިޔަފާރިތަކަށްވެސް މިކަމުން މުހިންމު ދިރާސީ މަޢްލޫމާތުތަކެއް ލިބިގެންދާނެއެވެ. އަދި، އެމަޢްލޫމާތުތަކުގެ އަލީގައި، ޕްލާސްޓިކާމެދު ހޭލުންތެރިކަން އިތުރުވެ، ރީސައިކަލްކުރުމަށް އިތުރު ބާރެއް އެޅިގެންދާނެކަމަށް މޯޕާއިން އުންމީދުކުރެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޠާރިޤް ވަނީ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރަމުންދާ ނުރަނގަޅު އަސަރުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި، މޯޕާގެ މަސައްކަތްތަކާމެދު އެން.އައި.ޖީ ކެޕިޓަލްގެ ބޭފުޅުންނަށް މަޢްލޫމާތު ދެއްވަމުން، މޯޕާގެ މުޢައްސިސް ވަނީ ޖަމްޢިއްޔާގެ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ކުރިމަގަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމާމެދު އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. “މިދިސާރާ ވެގެންދާނީ މިފަދަ ފުރަތަމަ ދިރާސާއަށް” ކަމަށް ޠާރިޤް ވިދާޅުވިއެވެ. “އިރާދަކުރެއްވިއްޔާ މިދިރާސާގެ ބޭނުން ސަރުކާރާއި އަމިއްލަ ފަރާތްތަކަށްވެސް ހިފިގެންދާނެ” ކަމަށްވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މޯޕާއަކީ ތިމާވެއްޓަށް ބޮޑު އަސަރެއް ކުރަމުން އަންނަ މޫދަށް އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތަކާމެދު ރާއްޖޭގައި ހޭލުންތެރިކަން އިތުރުކޮށް، އެފަދަ ތަކެތި ރީސައިކަލްކޮށް، މަދުކުރުމަށް، އެކި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ޕްރޮގްރާމްތަކަކާއި މަޝްރޫޢުތަކެއް ހިންގުމުގެ މުހިންމު މަޤްސަދުގައި މިއަހަރުގެ މާރޗް މަހު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ރަޖިސްޓްރީ ކުރެވުނު ހިލޭސާބަހަށް މަސައްކަތްކުރާ، އަމިއްލަ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާގެ މުޢައްސިސަކީ 2013 އިން 2018 އަށް ރާއްޖޭގެ ތިމާވެއްޓާބެހޭ ވަޒީރުކަން ކުރެއްވި އޮނަރަބަލް ޠާރިޤް އިބްރާހީމެވެ.

__________________

13 އޮކްޓޯބަރު 2020