މޯޕާއިން ވެމްކޯއަށް ތައާރަފުވުމުގެ ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން (ވެމްކޯ)ގެ ވެރިންނަށް ތައާރަފު ވުމުގެގޮތުން ބައްދަލުވުމެއް ބާއްވައިފިއެވެ.
ހޯމަދުވަހު ވެމްކޯގައި ބޭއްވި ބައްދަލުވުމުގައި މޯޕާގެ މަގުސަދާއި ހިންގަން ރާވާފައިވާ މަޝްރޫޢުތަކުގެ މައުލޫމާތު މޯޕާގެ ރައީސް ޠާރިޤް އިބްރާހީމް ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދަށާއި ވެމްކޯގެ ވެރިންނަށް ދެންނެވިއެވެ.
“އަޅުގަނޑުމެންގެ އެބަހުރި ކުރު ރާސްތާގެ މަޝްރޫޢުތަކާއި ދިގުރާސްތާގެ މަޝްރޫޢުތަކެއް. އެކަންތައްތަކަށް އަމަލީ ސިފަގެންނަން ބޭނުންވާ ދިރާސާތަކާއި ތަކެތި ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން.” ޠާރިޤް ވިދާޅުވިއެވެ. “މަޝްރޫޢުތައް ހިންގަން ކަނޑައަޅާފައިވާ ބައެއް ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކުރަމުން މިދަނީ.”
ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދުގެ ވާހަކަފުޅުގައި މޯޕާގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ވެމްކޯއަށް ކޮށްދެވެން ހުރި ކަންތައްތަކަށް އެހީތެރިކަން ދެއްވާނޭކަމުގައި ވިދާޅުވިއެވެ. އަދި މާލެއާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެމްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެމްކޯގެ ވެރިންނާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވެމްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދާއި ޖެނެރަލް މެނޭޖަރ، ބިޒިނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން އިސްމާޢީލު އުބައިދާއި ޖެނެރަލް މެނޭޖަރ، ގްރޭޓަރ މާލެ އޮޕަރޭޝަން އަޙުމަދު ޝާފިޢުއާއި މެނޭޖިން ޑިރެކްޓަރގެ ސެކްރެޓަރީ ޞަފާ ނާޒުއެވެ. މޮޕާގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޖަމްއިއްޔާގެ ރައީސް ޠާރިޤް އިބްރާހީމްގެ އިތުރަށް އެގްޒެކްޓިވް ކޮމިޓީގެ މެންބަރުން ކަމުގައިވާ ޢަލީ ޢާމިރާއި އަޙުމަދު މައުމޫނެވެ.
މޮޕާއަކީ މޫދަށް އުކާލެވޭ ޕްލާސްޓިކާއި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު މަދުކޮށް ރައްކާތެރި ގޮތުގައި ނައްތާލުމުގެ އިތުރަށް ތިމާވެއްޓަށް ޚިދުމަތްކުރުމާއި ހޭލުންތެރިކަން އުފައްދަން މަސައްކަތްކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ.
________________
21 އޮކްޓޯބަރު 2020