އެންވަޔަރަންމަންޓް މިނިސްޓްރީ މިއޮތީ މޯޕާއަށް އެހީތެރިވެދޭން ތައްޔާރަށް: ތިމާވެއްޓާބެހޭ ވަޒީރު ޑރ. ޙުސައިން

ނޫސްބަޔާން
IMG-20201022-WA0004

މޯޕާއާ ގުޅިގެން މަސައްކަތްކުރުމަށާއި، މޯޕާއަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮންނާނީ ތައްޔާރަށްކަމަށް، ދިވެހިރާއްޖޭގެ ތިމާވެއްޓާބެހޭ ވަޒީރު އޮނަރަބަލް ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ. މޯޕާއާއެކު އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވަނީ މޯޕާ ރަޖިސްޓްރީވެ، މަސައްކަތް ފަށައިގެން ވާހަކަ އެއްސެވީ އުފަލާއެކު ކަމަށް ވިދާޅުވެފައެވެ. ތިމާވެއްޓާބޭހޭ ވަޒީރުކަމުގެ މަޤާމު އެމަނިކުފާނުގެ ކުރިން ފުރުއްވި އޮނަރަބަލް ޠާރިޤް އިބްރާހީމް، އެމަނިކުފާނުގެ ތަޖުރިބާއާއި ގުޅުންތަކުގެ ބޭނުން ހިއްޕަވައިގެން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ރޮނގުން ހިލޭސާބަހަށް މަސައްކަތްކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާކަމީ ހެޔޮ ފާލެއްކަމުގައި މިނިސްޓަރ ބަޔާންކުރެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޯޕާގެ މުޢައްސިސް އަދި ރައީސް އޮނަރަބަލް ޠާރިޤް އިބްރާހީމް ވަނީ ޖަމްޢިއްޔާގެ މުހިންމު މަޤްސަދުތައް ހާމަކުރައްވާ، ރޭވިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫޢުތަކުގެ މަޢްލޫމާތު ދެއްވާފައެވެ. އަދި، މޯޕާއަކީ ސަރުކާރުން މިރޮނގުން ސިޔާސަތު ރޭވުމުގައި ބޭނުންވާނެ މަޢްލޫމާތު އެއްކުރުމުގައި، އަދި މުހިންމު މަސައްކަތްތައް ތަންފީޒުކުރުމުގައި އެހީތެރިވެދިނުމަށް އިޚްލަސްތެރިކަމާއެކު މަސައްކަތްކޮށްދޭން ތައްޔާރަށް އޮތް އަމިއްލަ ޖަމްޢިއްޔާއެއްކަމަށް މިނިސްޓަރަށް ޔަޤީންކޮށް އެރުވިއެވެ. އަދި، މޯޕާއިން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ވަރަށް އަވަސް ފުރުޞަތެއްގައި އިފްރިތާހު ކުރެވިގެންދާނެ ކަންކަމާއި، ދިގު މުއްދަތަކަށް ވިސްނައިގެން އެކުލަވާލެވިފައިވާ މަޝްރޫޢުތަކެއް އެބަ ހުރިކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ޑރ. ޙުސައިންގެ މުހިންމު މަސައްކަތްޕުޅުތަކުގެ ވަގުތު ހުސްކުރައްވާ، އެމަނިކުފާނާއި މޯޕާގެ ހިންގާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކޮށްލައްވަން ފުރުޞަތު ތަނަވަސްކޮށްދެއްވިކަމަށްޓަކައި، ޠާރިޤް ޝުކުރު އަދާކުރެއްވިއެވެ. އަދި، މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު ބައެއް މަސައްކަތްތަކުގެ މަޢްލޫމާތު ޙިއްޞާކުރެއްވިކަމަށްޓަކައިވެސް މިނިސްޓަރަށް ޝުކުރު ދެންނެވިއެވެ.

މިބައްދަލުވުމުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޑރ. ޙުސައިން ރަޝީދު ޙަސަންގެ އަރިހުގައި ބައިވެރިވެވަޑައިގަތީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް ޢަބްދުﷲ ނަޞީރު، ޕާރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޖުއަދު މުސްޠަފާ އަދި ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އަލްފާޟިލް މުރްތަޟާ އެވެ.

މޯޕާގެ ރައީސް ޠާރިޤްގެ އަރިހުގައި ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އަޙްމަދު މައުމޫން އަދި ހިންގާ ކޮމިޓީގެ މެންބަރު އަލްފާޟިލް ޢަލީ އާމިރު ބައިވެރިވެވަޑައިގަތެވެ.

 

__________________

22 އޮކްޓޯބަރު 2020