މޯޕާ އުފެއްދީ ޕްލާސްޓިކް ކުނިން ރައްކާތެރިވާން: ޠާރިޤް

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު ރާއްޖޭގައި އާދަޔާ ޚިލާފަށް ގިނަވެ އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެކަން ހުއްޓުވައި ހޭލުންތެރިކަން އުފެއްދުމަށް ރާއްޖޭގައި ޖަމްއިއްޔާއެއް އުފައްދައިފިއެވެ.
“މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް” (މޯޕާ)ގެ ނަމުގައި އުފެއްދި ޖަމްއިއްޔާގެ މަސްއޫލުވެރިއަކީ ތިމާވެއްޓާބެހޭ މިނިސްޓަރކަން ކުރީން ކުރައްވާފައިވާ ޠާރިޤު އިބްރާހީމެވެ.
“އެއްފަހަރު ބޭނުންކޮށްފައި އެއްވެސް ނިޒާމެއް ނެތި އުކާލެވޭ ޕްލާސްޓިކާއި ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގެ ހުރިހާދިމާއަކުން ކަންބޮޑުވާންޖެހޭ މިންވަރަކަށް ފެންނަމުން އެބަދޭ. އެއްގަމާއި ކަނޑާއި މޫދާއި ފަޅާއި ގޮނޑުދޮށްތަކަށް އުކާލެވޭ ޕްލާސްޓިކު ކުނިން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދޭ.” ޠާރިޤު ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ޖަމްއިއްޔާއިން ކުރާ މައިގަނޑު މަސައްކަތަކަށް ވާނީ ކަމާބެހޭ ހޭލުންތެރިކަން އުފައްދައި ރާއްޖެއިން ޕްލާސްޓިކް ކުނި މަދުކޮށް ރީސައިކަލްކޮށް ނައްތާލަން މަސައްކަތް ކުރުން.”
ޠާރިޤު ވިދާޅުވިގޮތުގައި “މޯޕާ” އުފައްދައި ޕްލާސްޓިކް ކުނިން ރައްކާތެރިވާން މަސައްކަތް ފެށުމުން ހޭލުންތެރިކަން އުފެދި މިހާރު ކުނި އުކާލެވޭ ނޭދެވޭ ނިޒާމަށް މިހާރަށްވުރެ ހެއު ބަދަލުތަކެއް އަންނާނެއެވެ.
“ވީހާ ފުޅާދާއިރާއެއްގައި ހޭލުންތެރިކަން އުފައްދަން އެބަޖެހޭ. އަދި ހޭލުންތެރިކަމެއްނެތުމުގެ ސަބަބުން އެކިތަންތަނަށް އުކާލެވިފައިވާ ޕްލާސްޓިކު ކުނި ނަގައި ސާފުކުރަން އެބަޖެހޭ.” ކުރީގެ މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ.
ޠާރިޤު ވިދާޅުވިގޮތުގައި އެއްގަމާއި ކަނޑާއި މޫދާއި ފަޅާއި ގޮނޑުދޮށްތަކަށް އުކާލެވޭ ޕްލާސްޓިކު ކުނިން ފަރުތަކަށާއި ކަނޑުގެ ދިރުންތަކަށާއި މަސްމަހާމެއްސަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
“އޯޝަން ޕްލާސްޓިކު ކުންޏާބެހޭ ހޭލުންތެރިކަން އުފައްދައި ކުނި އުކާލެވޭ ނިޒާމަށް ހެއު ބަދަލުތަކެއް ގެނެސް ރީސައިކަލް ކުރަން ފެށުމުން ޕްލާސްޓިކު ކުނިން ލިބޭ ގެއްލުން ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ.” ޠާރިޤު ވިދާޅުވިއެވެ.
ޠާރިޤު އިބްރާހީމް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީގެ މަގާމުގައި ހުންނެވި ދުވަސްވަރު މުޅި ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ބޮޑެތި މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަވާފައިއެވެ.
______________
2 މާރޗް 2020