ކުޑަހުވަދޫން ޕްލާސްޓިކު ކުނި ނައްތާލުމާ ގުޅޭގޮތުން މޯޕާއިން ކައުންސިލާ މަޝްވަރާކޮށްފި

ނޫސްބަޔާން
Kudahuvadhoo-810x456_20190716112048

ކުޑަހުވަދޫގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު ކުނި އެރަށުން ނަގައި ސާފުކުރުމާ ބެހޭ ގޮތުން މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)އާ ދ. ކުޑަހުވަދޫ ކައުންސިލްގެ އިސްވެރީންނާ މަޝްވަރާކޮށްފިއެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ “މޯޕާ”ގެ ރައީސް ޠާރިޤު އިބްރާހީމާއި ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަޙުމަދު ޝާމާއި ނައިބު ރައީސް ޢަލީ ސަޢުދުއެވެ.

“މޯޕާ”ގެ ރައީސް ޠާރިޤު ވިދާޅުވީ ޖަމްއިއްޔާއިން ހިންގަން ރާވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ފުރަތަމަ މަޝްރޫޢު ހިންގުމަށް ކަނޑައަޅާފައިވަނީ ކުޑަހުވަދޫގައި ކަމަށްވާތީ ކައުންސިލުން ބޭނުންވާކަންތައްތަކަށް އިސްކަން ދޭން ބޭނުންވާކަމަށެވެ.

“ގޭގެއިން ކުނި ނަގައި އުކުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަގެންދަން. އެ ކަން ކުރިއަށް ގެންދަން ވެސް ގިނަ ދަތިތަކެއް އެބަހުރި.” ކައުންސިލްގެ ރައީސް ޝާމް ވިދާޅުވިއެވެ. “ކުނި އުކާލަން ނަގާފީން، ލިބޭ އާމުދަނީއަށް ވުރެ ބޮޑު ޚަރަދެއް ކޮންމެ މަހަކު ކުރަންޖެހޭ. ކުނި ކޮށީގައި ބޭނުންކުރާ ބައެއް ސާމާނުތައް ވަނީ ހަލާކުވެފައި. ކުނި މެނޭޖުކުރަން ވަރަށް ގިނަ ތަކެއްޗަށް އަޅުގަޑުމެން މިތިބީ ބޭނުންވެފައި.”

ކުޑަހުވަދޫ ކައުންސިލުން ވަނީ ރައްޔިތުންގެ މާލިއްޔާތުން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 2019 ގައި ވޭސްޓު މެނޭޖުމަންޓު ސެންޓަރެއް އެރަށުގައި ބިނާކޮށްފައެވެ.

“މޮޕާ”ގެ ރައީސް ޠާރިޤު ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އެއްވެސް ނިޒާމެއް ނެތި އުކާލެވޭ ޕްލާސްޓިކާއި ޕްލާސްޓިކުގެ ބާވަތްތައް އަޅާނެ ދަސްބިމާއި އަދި އެތަކެތި ރަށުން ބޭރުކޮށް ތިލަފުއްޓަށް ގެންގޮސް ރީސައިކަލްކޮށް ހެއު ގޮތުގައި ނައްތާލެވޭނެ ނިޒާމެއް ކުޑަހުވަދޫގައި ގާއިމުކޮށްދެއްވާނެކަމަށެވެ.

“ރަށުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގައި އެއްވެސް ބެލުމެއްނެތި އުކާލެވޭ ޕުލާސްޓިކު ކުނިން ތިމާވެއްޓަށް ލިބެނީ ކޮންފަދަ ބޮޑު ގެއްލުމެއްކަން ރައްޔިތުންނަށް އަންގައިދޭން ވެސް އަޅުގަނޑުމެން ބޭނުން.” ޠާރިޤު ވިދާޅުވިއެވެ. “ދަތުރުރުފަތުރުކުރުމަށް މިހާރު ދިމާވެފައިވާ ހުރަސްތަކަށް ލުއި ލިބުމާއެކު އަޅުގަނޑުމެން ތިރަށަށް ގޮސް އަމަލީގޮތުން ކަންތައްތަކެއް ކޮށްދޭން ބޭނުން.”

ރާއްޖޭގެ ހުރިހާދިމާއަކުން ވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ޕްލާސްޓިކު ކުނި ފެންނަމުން އެބަދެއެވެ. އެއްގަމާއި ކަނޑާއި މޫދާއި ފަޅާއި ގޮނޑުދޮށްތަކަށް އުކާލެވޭ ޕްލާސްޓިކު ކުނިން ތިމާވެއްޓަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

ޠާރިޤު ވިދާޅުވިގޮތުގައި “މޯޕާ”ގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ ފަރުތަކަށާއި ކަނޑުތަކަށާއި ފަޅުތަކަށާއި ކަނޑުގެ ދިރުމަށް ޕުލާސްޓިކު ކުނިން ލިބެމުންދާ ގެއްލުންތައް ހުއްޓުވުމަށް މަސައްކަތް ކުރުމެވެ.

ޠާރިޤު އިބްރާހީމް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީގެ މަގާމުގައި ހުންނެވި ދުވަސްވަރު މާލެއާއި ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ވަނީ ކުނި މެނޭޖުކުރުމުގެ ބޮޑެތި މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަވާފައެވެ.

___________________

19 ސެޕްޓެމްބަރު 2020