ރައްކާތެރިކަމާއެކު ޕްލާސްޓިކް ކުނި އެއްކުރުމާއި ރިސައިކަލް ކުރުމާގުޅޭގޮތުން، މުހިންމު ހަތަރު ފަރާތަކާއެކު މޯޕާއިން މަޝްވަރާކޮށްފި

ނޫސްބަޔާން
jonathan-chng-OTDyDgPoJ_0-unsplash

ދިވެހިރާއްޖޭގައި ބޮޑުވަމުން އަންނަ ތިމާވެއްޓާގުޅޭ މައްސަލައެއްކަމުގައިވާ ޕްލާސްޓިކް ކުނި، ޒިންމާދާރުކަމާއި ސަލާމަތްތެރިކަމާއެކު އެއްކުރުމާއި ރިސައިކަލްކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި، މޯޕާއިން މުހިންމު ހަތަރު ފަރާތަކާއެކު ވަކިވަކިން ބައްދަލުކޮށްފިއެވެ.

ފުރަތަމަ ބައްދަލުވުން ބޭއްވުނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް އެތެރެކޮށް ވިޔާފާރިކުރަމުންދާ ހެޕީ މާކެޓް ޕްރައިވެޓް ލިމިޓަޑާއެކުއެވެ. ބައްދަލުވުމުގައި އެކުންފުނި ތަމްޞީލުކުރެއްވީ ސީ.އީ.އޯ ޢަލީ އިޙްސާނެވެ. މި ބައްދަލުވުމުގައި، ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށާއި، މޯޕާއިން ހިންގާ މުހިންމު މަޝްރޫއުތަކުގައި ހެޕީ މާކެޓުން ބައިވެރިވެ، އެހީތެރިވެދިނުމަށް އެއްބަސްވެވުނެވެ.

ދެވަނަ ބައްދަލުވުން ބޭއްވުނީ ސަރުކާރު ކުންފުންޏެއްކަމުގައިވާ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮންމެނީ ލިމިޓަޑާ އެކުގައެވެ. އެމް.ޑަބްލިޔު.އެސް.ސީ އަކީ ޕްލާސްޓްކް ފުޅީގައި ފެން ބަންދުކުރުމުގެ ޚިދްމަތްދެމުން އަންނަ އެންމެ ބޮޑު އެއް ކުންފުންޏެވެ. ބައްދަލުވުމުގައި އެކުންފުނި ތަމްޞީލު ކުރެއްވީ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހެވެ. މިބައްދަލުވުމުގައި ދެފަރާތުން މަޝްވަރާކުރީ ޕެޓް ފުޅި ރީސައިކަލްކުރުމުގެ މަސައްކަތުގައި އެއްބާރުލުންދިނުމާމެދުއެވެ.

ތިންވަނަ ބައްދަލުވުމުގައި، މޯލްޑިވްސް ރެސްޓޯރަންޓްސް އެސޯސިއޭޝަންގެ އިސް ހިންގުންތެރިންނާއެކު، މޯޕާއިން ރާވާފައިވާ ޕްލާސްޓިކް ފުޅި އެއްކޮށް، ޖަމާކޮށް، ރިސައިކަލްކުރުމުގެ ޕްރޮގްރާމް ފަށައިގަތުމާމެދު ޚިޔާލު ބަދަލުކުރެވުނެވެ.

ޕްލާސްޓިކް ފުޅީގައި ލުއި ބުއިން ތައްޔާރުކޮށް ވިއްކަމުންދާ މާލޭ އެއިރޭޓަޑް ވޯޓަރްސް ކޮމްޕެނީ ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ މިސްޓަރ މިލިންދް ދެރަސާރީއާއެކު މޯޕާގެ ބޭފުޅުން ބޭއްވި ކާމިޔާބު ބައްދަލުވުމުގައި، ކުންފުނިތަކުގެ ސީ.އެސް.އާރ ގެ ގޮތުގައި ކުރެވޭ ހޭދައިގެ ތެރެއިން ޕްލާސްޓިކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެހީތެރިވުމުގެ މުހިންމުކަމާމެދު ވާހާކަދެކެވުނެވެ.

ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މޯޕާގެ ވެރިން ބޭއްވެވި މިފަދަ ފަހު ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ރާއްޖޭގައި ކަނޑަށް އެޅޭ ޕްލާސްޓިކާ ގުޅޭގޮތުން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް، ރިސައިކަލްކުރުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރަމުން އަންނަ ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލާ ޝާހީނާ ޢަލާ އައެކުގައެވެ. ޕާލޭގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ، އެޖަމްޢިއްޔާއާ ގުޅިގެން މުސްތަޤްބަލުގައި ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކުރަން މޯޕާއިން އުންމީދުކުރާކަމަށް ޠާރިޤް ވިދާޅުވިއެވެ. އަދި، މޯޕާގެ މަސައްކަތްތައް ރޭވިފައިވާކޮތް ޝާހީނާއަށް ވިދާޅުވެދެއްވިއެވެ. ޕާލޭއަކީ ތިމާވެއްޓާގުޅުންހުރި މިފަދަ މައްސަލަތަކުގައި، އެކި ފަރާތްތަކާ ގާތްގުޅުމެއް ޤާއިމުކޮށްގެން މަސައްކަތްކުރަމުން އަންނަ ޖަމްޢިއްޔާއަކަށް ވީތީ، މޯޕާއާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބުމަކީ އުފާކުރައްވާ ކަމެއްކަމަށް ޝާހީނާ ވިދާޅުވިއެވެ.

__________________

22 އޮކްޓޯބަރު 2020