މޯޕާއިން އެމް.ޑަބްލިޔު.އެސް.ސީ. އާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ނޫސްބަޔާން
brian-yurasits-5fbJMCzqNDs-unsplash

ޕްލާސްޓިކް ކުނި ނައްތާލުމަށްޓަކައި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ރާވާފައިވާ ބައެއް މަޝްރޫޢުތަކާމެދު މަޝްވަރާކުރުމަށް، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ.) އާ އެކު މިއަދު އިތުރު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު ވާރޗުއަލްކޮށް ބޭއްވުނު މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ކުނީގެ މައްސަލަ ޙައްލުކުރުމާއި، އެފަދަ ޕްލާސްޓިކް ކުނި ރީސައިކަލްކުރުމުގެ ނިޒާމު ރާއްޖޭގައި އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާމެދުއެވެ. އެގޮތުން، އެމް.ޑަބްލިޔު.އެސް.ސީ. ގެ އުފެއްދުމެއްކަމުގައިވާ ‘ތާޒާ’ ފެނުގެ ޕްލާސްޓިކް ފުޅިތައް، ރީސައިކަލްކޮށް، އަލުން ބޭނުންހިފިދާނެ އިންތިޒާމެއް ޤާއިމުކުރުމާމެދު ޚިޔާލު ބަދަލުކުރެވުނެވެ.

މިބައްދަލުވުމުގައި މޯޕާ ތަމްޞީލުކުރެއްވީ އެލަޔަންސްގެ މުޢައްސިސް އަދި ރައީސް ޠާރިޤް އިބްރާހީމް އަދި އޮޕަރޭޝަންސް އޮފިސަރ މުޙައްމަދު ނަބީޙް އެވެ. އެމް.ޑަބްލިޔު.އެސް.ސީ. އިން ބައިވެރިވެވަޑައިގަތީ ޖެނެރަލް މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓް މުޙައްމަދު ސަމީރު، އެސިސްޓެންޓް މެނޭޖަރ، މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް، ސުޖާތާ ރަޝީދު އަދި ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރ މަރިޔަމް ޝިއުނާ އެވެ.

ޠާރިޤްގެ ވާހަކަފުޅުގައި، ރާއްޖޭގެ ފަރުތަކަށާއި، ކަނޑުތަކަށާ، ފަޅުތަކަށް، އަދި އެތަނގާގެ ދިރުމަށް ޕްލާސްޓިކް ކުނިން ލިބެމުންދާ ގެއްލުންތައް ހުއްޓުވުމަށް މޯޕާއިން ކުރަން ރާވާފައިވާ މަސައްކަތްތައް އެމް.ޑަބްލިޔު.އެސް.ސީ. ގެ ބޭފުޅުންނަށް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވިއެވެ. އަދި، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކުނިން ރާއްޖެއަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމަށް ދިރާސާއެއް ހަދަމުންދާކަމަށާއި ކުރުމުއްދަތުގައި އަދި ދިގުމުއްދަތަށް ހިންގަން ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ މަޢްލޫމާތު ދެއްވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ. ގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ޕްލާސްޓިކް ކުނި ރާއްޖެއިން މަދުކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައް މޯޕާއަށް ހާމަކޮށްދެއްވުމުގެ އިތުރުން، މޯޕާއާ ގުޅިގެން މިފަދަ ބައެއް މަސައްކަތްތައް މުސްތަޤްބަލްގައި ކުރެއްވުމުގެ ޝައުޤުވެރިކަން ހުރިކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ދިމާއަކުންވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ޕްލާސްޓިކް ކުނި ފެންނަމުން އެބަދެއެވެ. އެއްގަމާއި، ކަނޑާ، މޫދާ، ފަޅާ، ގޮނޑުދޮށްތަކަށް އުކާލެވޭ މިފަދަ ކުނިން ތިމާވެއްޓަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. ޠާރިޤް އިބްރާހީމް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މާލެއާއި ރާއްޖޭގެ ވަރަށްގިނަ ސަރަޙައްދުތަކުގައި ވަނީ ކުނި މެނޭޖް ކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގަވާފައެވެ.