މޯޕާއިން މާލޭ ސަރަޙައްދުގައި ހިންގާ ރެސްޓޯރަންޓްތަކާ ގުޅިގެން ޕްލާސްޓިކް ރީސައިކަލް ކުރުމުގެ މަޝްރޫއު، ތިމާވެށްޓާބެހޭ ވަޒީރު އިފްތިތާޙްކޮށްދެއްވައިފި

ނޫސްބަޔާން
IMG_6088

IMG_6037

މޯޕާގެ އަމާޒަކީ، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް
ފުޅާ ދާއިރާއެއްގައި ރީސައިކަލް ކުރެވޭނެ އިންތިޒާމު،
އެކި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު، ފުޅާ ދާއިރާއެއްގައި ޤާއިމުކުރުން:
މޯޕާގެ މުޢައްސިސް އަދި ރައީސް ޠާރިޤް އިބްރާހީމް

މޯޕާގެ އެންމެ މުހިންމު އެއް މަޝްރޫއު ކަމުގައިވާ ‘މާލޭ ސަރަޙައްދައި ހިންގާ ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނުން ބޭނުންކުރާ ޕްލާސްޓިކް ފުޅި ރީސައިކަލްކުރުމަށް މަޝްރޫޢު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު ސީހައުސް ރެސްޓޯރަންޓްގައި ބޭއްވުނު ޚައްޞަ ޙަފްލާގައި، ޝަރަފުވެރި މެޙްމާން މިނިސްޓަރ ޙުސައިން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، މޯޕާއިން ހިލޭސާބަހަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރެއްވިއެވެ. އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ބާވަތުގެ ޕްލާސްޓިކް ކުނީގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވަމުން، އެކަމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނެވި، މޯޕާ ފަދަ އަމިއްލަ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ކުރިން އެވުޒާރާ ހިންގެވި މިނިސްޓަރު، މޯޕާގެ މުޢައްސިސް ޠާރިޤްގެ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާ، މޯޕާ އުފެއްދެވުމާއި، އެކި ފަރާތްތަކުގެ މެދުގައި ވަރުގަދަ ގުޅުންތަކެއް އުފެއްދެވުމުގެ ތެރެއިން ނަތީޖާ ނެރުއްވުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ޢަޒުމާމެދު ވާހަކަފުޅު ދެއްކެވިއެވެ. ކުރިއަށްއޮތް ތާނގައިވެސް، މޯޕާއާއި ބައިވެރިންގެ މަސައްކަތްތަކަށް މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބެމުންދާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މަރްޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، މޯޕާގެ މުޢައްސިސް ޠާރިޤް ވަނީ މޯޕާގެ އަމާޒުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ކުރު މުއްދަތެއްގައި، އެޖަމްޢިއްޔާއިން ވަނީ އެކި ފަރާތްތަކާ ގާތް ގުޅުމެއް އުފައްދާ، އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙެއްގައި މަސައްކަތްކޮށް، ކާމިޔާބީތަކެއް ޙާޞިލުކޮށްފައިކަންވެސް ފާހަގަކުރެއްވިއެވެ. މިއަދު ފެށުނު މި މަޝްރޫޢަކީ، ކުރިއަށްއޮތް ހަފްތާ އަދި މަސްތަކުގައި އިތުރަށް ފުޅާކުރެވިގެންދާނެ މަޝްރޫޢެއްކަމަށާއި، މަޝްރޫޢުގެ ކާމިޔާބީގެ އަސްލަކީ މޯޕާގެ ބައިވެރިންގެ ދީލަތި އެހީތެރިކަމާއި އެފަރާތްތަކުގެ ޝައުޤުވެރިކަންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޙަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ވަޒީރު ވަޑައިގެންދެވިކަމަށްޓަކައި، މޯޕާގެ ހިންގާ ކޮމިޓީގެ އެންމެހާ މެންބަރުންނާއި ބައިވެރިންގެ ނަންފުޅުގައި، ޠާރިޤްވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ފެށިގެންދިޔަ މަޝްރޫޢުގެ ތެރެއިން މާލޭ ސަރަޙައްދުގައި ހިންގަމުންގެންދާ 120 އަށްވުރެ ގިނަ ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނުން ކޮންމެ ދުވަހަކު ޕެޓް ފުޅި ވަކިކޮށްގެން، ބައިވެރިންގެ އުޅަނދުފަހަރުގައި، މާލޭގައި ހުންނާ ޕާލޭ މޯލްޑިވްސްގެ ޕްލާސްޓިކް ޖަމާކުރާ މަރުކަޒަށް ގެންދެވޭނެއެވެ. އެ ޕްލާސްޓިކަކީ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކޮށްގެން ރީސައިކަލް ކުރެވޭ ތަކެއްޗެވެ.

މިމަޝްރޫޢުގައި މޯޕާއާ ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ތާޒާ މަރުކާގެ ފެން އުފައްދާ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް އާއި، ކޮކާ ކޯލާ ގެ އެކި ބުއިންތައް ރާއްޖޭގައި ބަންދުކުރާ މާލޭ އޭރޭޓަޑް ވޯޓަރސް ކޮމްޕެނީއާއި، ލައިފް މަރުކާގެ ފެން އުފައްދާ ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. ރީސައިކަލްކުރުމުގައި އެހީތެރިވެދޭ ބައިވެރިއަކީ ޕާލޭ މޯލްޑިވްސްއެވެ. މޯޕާގެ އުންމީދަކީ މި މަޝްރޫޢުގައި މިވަގުތު ބައިވެރިވަމުންދާ 120 ރެސްޓޯރަންޓް އަދި ކެފޭގެ އަދަދު އިތުރުކޮށް، އަވަސް މުސްތަޤްބަލެއްގައި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް އެ އަދަދު 200 އަށް އެރުވުމެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އަކީ، ހިލޭސާބަހަށް މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއްގެ ގޮތުގައި ހުސްވި 2020 ގެ ކުރީކޮޅު ރަޖިސްޓްރީ ކުރެވުނު ޖަމްޢިއްޔާއެކެވެ. މޯޕާގެ އަމާޒަކީ، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ބާވަތުގެ ޕްލާސްޓިކް މަދުކޮށް، އެތަކެތީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކާއި މަސްމަހާމެއްސަށް ކުރިމަތިވާ ނުރައްކާ ކުޑަކުރުމެވެ. އަދި، މި މަޤްސަދު ޙާޞިލުކުރުމުގައި މޯޕާއިން އިސްކުރާ ފަލްސަފާއަކީ، ކާމިޔާބީގެ އަސްލަކީ އެކި ފަރާތްތަކުގެ މެދުގައި ގުޅުން އުފައްދާ، އެއްބާރުލުމުގެ ރޫޙެއްގައި މަސައްކަތްކުރުމެވެ.

__________________

24 ޖަނަވަރީ 2021