މޯޕާއަކީ ކޮބާ؟

މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އަކީ، ރާއްޖޭގައި އިތުރުވަމުންދާ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށްޓަކައި، ޖަމާއަތުގެ  ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ޚާއްޞަވެގެން، ރާއްޖޭގައި ރަޖިސްޓްރީކުރެވިގެން ހިންގޭ ހަމައެކަނި އަމިއްލަ ޖަމްޢިއްޔާއެވެ. މޯޕާގެ އެންމެ ބޮޑު އަމާޒަކީ، އެކި ފަރާތްތަކާ ގުޅިގެން، އެކި ފަރާތްތައް ގުޅުވައިދީގެން، ޕްލާސްޓިކް ރީސައިކަލްކޮށް، އުލާލުމުގެ ބަދަލުގައި އޭގެ ބޭނުން ހިފުމަށް ބާރުއެޅުމެވެ.

ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރާ ފަރާތްތަކާ، ވިއްކާ ފަރާތްތަކާ، ބޭނުންކުރާ ފަރާތްތައް، އަދި އެތަކެތި އަލުން ބޭނުންކުރަން ރީސައިކަލްކުރާ ފަރާތްތައް، ގުޅުވައިދީ، އެފަރާތްތަކާއެކު މުހިންމު މަޝްރޫޢުތަކެއް ހިންގައިގެން، މިމައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަކީ މިޖަމްޢިއްޔާގެ އަމާޒެވެ. އަދި، މިމައްސަލައާގުޅޭގޮތުން އިތުރު ތަޙްލީލުތައް ކުރުމަށާއި، މިކަމާގުޅޭގޮތުން މުޖްތަމައިގައި ހޭލުންތެރިކަން އިތުރުކުރުމަކީވެސް މޯޕާގެ މުހިންމު އެއް ލަނޑިދަނޑިއެވެ. އޭގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ޕްލާސްޓިކާމެދު ދެމެހެއްޓެނިވި ސިޔާސަތުތަކެއް އެކަށައެޅި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް ހަރުދަނާ ޤާނޫނުތަކަކާއި ޤަވާއިދުތަކެއް ހެދިގެންދިއުމަކީ، މިޖަމާއަތުން އިސްކަންދޭ ކަމެކެވެ.

މޯޕާއަކީ، ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރ އޮނަރަބަލް ޠާރިޤް އިބްރާހީމްގެ އިސްނެންގެވުމެކެވެ. އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި، ރާއްޖޭގައި އިތުރުވަމުންދާ ޕްލާސްޓިކްގެ މައްސަލައަށް ޙައްލެއް ހޯދުމުގެ މަޤްސަދުގައި ފެއްޓެވި އަމިއްލަ ޖަމްޢިއްޔާއެކެވެ.

މޯޕާއަކީ މާލީ އަދި ސިޔާސީ ފައިދާއަށް ހިންގޭ ޖަމްޢިއްޔާއެއް ނޫނެވެ. މިޖަމާއަތަކީ، އެއް ވިސްނުމެއްޖެ އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙުގައި އުފެދިފައިވާ އަމިއްލަ ޖަމްއިއްޔާއެކެވެ. މޯޕާގެ މަސައްކަތްތައް ބިނާވާނީ ދިވެހިރާއްޖޭގެ ސަރަޙައްދުގައެވެ.