އޮނަރަބަލް ޠާރިޤް އިބްރާހީމް

މުޢައްސިސް އަދި ރައީސް

އޮނަރަބަލް ޠާރިޤް އިބްރާހީމް އަކީ، 2013 އިން 2018 އަށް، ދިވެހިރާއްޖޭގެ ތިމާވެށްޓާއި ޙަކަތަޔާބެހޭ ވަޒީރެވެ. އެމަނިކުފާނު މަސައްކަތްޕުޅުގެ ތެރޭގައި، ރާއްޖޭގެ ޤުދްރަތީ އަދި ތިމާވެށީގެ ވަޞީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމާއި، ޖައްވުހޫނުވުމުގެ މައްސަލައާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވޭ މަޝްވަރާތަކުގައި ރާއްޖެ ތަމްޞީލުކުރުމާއި، ކުނި ނައްތާލުމަށްޓަކައި ރައްކާތެރި ޙައްލުތަކެއް ހޯދުން ހިމެނެއެވެ. އެ މުއްދަތުގައި، މިނިސްޓަރ ޠާރިޤް ވަނީ އެންވަޔަންމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާރވިސް އަދި ބަޔޯސްފިއަރ ރިޒާރވް އޮފީސް ފަދަ އިދާރާތަކުގރ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާފައެވެ. އަދި، ރާއްޖޭގެ ތިމާވެއްޓާބެހޭ ވަޒީރުގެ ހައިސިއްޔަތުން، އެމަނިކުފާނު ވަނީ އދ. އިން ކަނޑައެޅި ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) އާ ގުޅިގެން ރާއްޖޭގައި ކުރެވުނު މަސައްކަތްތައް ވިލަރެސް ކުރައްވާ، އެއޯސިސް ގެ ރިޔާސަތު، ރާއްޖޭގެ ފަރާތުން ބަލަހައްޓަވާފައެވެ. އަދި، ތްރީ އާރ ކެމްޕޭނު ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގަވާ، ސާފު ތިމާވެއްޓައް ދެމެހެއްޓުމާއި ޕްލާސްޓިކް ކުނި ނައްތާލުންފަދަ މުހިންމު އާދަތަކަށް ކެނޑިނޭޅި ބާރު އެޅުއްވިއެވެ.

މިނިސްޓަރ ޠާރިޤް ވަނީ ދިވެހިރާއްޖޭގެ ކުނި ނައްތާލުމާބެހޭ ޤައުމީ ސިޔާސަތެއް 2015 ގައި އެކުލަވާލައްވާ، ކުނީގެ މައްސަލައަށް ބޮޑެތި ޙައްލުތަކެއް ހޯދުމުގެ ނިޔަތުގައި ކުނި ނައްތާލުމާގުޅޭ ކުންފުނި ވެމްކޯ ވުޖޫދަށް ގެންނަވާފައެވެ. މުޙިންމު ސަރަޙައްދުތަކެއް ހިމާޔަތްކުރުމަށް ހުށަހެޅުއްވުމުގެ އިތުރުން، އެމަނިކުފާނު ވަނީ ބ. އަތުޅުގައި ޤާއިމުކޮށްފައިވާ ބަޔޯސްފިއަރ ރިޒާރވްގެ އޮނިގަނޑުގެ ދަށުން، މުޅި ރާއްޖެއަކީ އެފަދަ ބަޔޯސްފިއަރ ރިޒާރވެއްގެ ގޮތުގައި އެކަށައެޅުމަށްޓަކައި ޔުނެސްކޯ އަށް ހުށަހަޅާ އެންމެހާ ލިޔެކިޔުން އެކުލަވާލައްވާފައެވެ.

އޮނަރަބަލް ޠާރިޤް އިބްރާހީމް ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ ބިލްޑިންގ ސައިންސަސް އެންޖިނީރިންގ ގެ ރޮނގުން އިނގިރޭސިވިލާތުގެ ލަފްބަރަ ޔުނިވަރސިޓީންނެވެ. މާސްޓަރސް ހެއްދެވީ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރސިޓީން ބިލްޑިންގ ސައިންސަސްގެ ދާއިރާއިންނެވެ. އޭގެ ފަހުން، އެމަނިކުފާނު ވަނީ އެމެރިކާގެ ޕްރެސްޓަން ޔުނިވަރސިޓީން އެމް.ބީ.އޭ އެއް ފުރިހަމަކުރައްވާފައެވެ. އިމާރާތްކުރުމުގެ ދާއިރާއިން ރާއްޖޭގައި ހިމެނޭ އެންމެ ތަޖުރިބާކާރު އަދި ޤާބިލު ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ. އޮނަރަބަލް ޠާރިޤް އިބްރާހީމް އަކީ ސަރުކާރުގެ އެކި އިދާރާތަކުގައި ހިންގުމުގެ ދާއިރާގައި އުޅުއްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެކެވެ.

މޯޕާ އެކުލަވާލެއްވުމުގައި އެމަނިކުފާނުގެ އުންމީދަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކި ފަރާތްތަކުގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރައްވާ، ރާއްޖޭގައި މިއަދު މިއޮތް އޯޝަން ޕްލާސްޓިކްސްގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމެވެ.